އެއް ފަސްގަނޑެއްގައި އޮތަސް އޭރު އެއީ ދެ ރަށެއް، މިހާރު ބަދަހި ދެ އަވަށް

Eh fasgandehgai othas eyru eiy dhe rasheh, mihaaru badhahi dhe avah

ކެނދިކުޅުދޫ މައި މަގު -- ފޮޓޯ/އަލީ އިރުހާމް

0

ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.

ކެނދިކުޅުދޫ އަކީ އެންމެ ކުރީގެ ލޯމާފާނުތަކުގައި ވެސް އެކި ފަހަރުމަތިން ނަންގަނެވިފައި އޮތް ދޮށީ ރަށެއްކަން އެނގެން އެބައޮތެވެ. އެގޮތުން ބަލާއިރު ދިވެހި ރާއްޖެއިން މިހާތަނަށް ފެންނަންހުރި މުސްކުޅި ލިޔުންތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއްލިޔުންކަމަށްވާ އިސްދޫ ލޯމާފާނުގައި ކެނދިކުޅުދޫގެ ނަން އެބައޮތެވެ.

"މިލަދުންމަޑުލު ނ. ކެނދިކުޅުދޫ ތިބި ކަމީސައްލެ ކިޔުނު ދަނޑުބިމާއި، މިރަށުމެ ތިބި ގަލުދަނޑު ކިޔުނު ދަނޑުބިމާއި."

މީލާދީ ގޮތުން 1195 އާއި 1196 އާ ދެމެދު ލިޔެފައިވާ އިސްދޫ ލޯމާފާނުގެ 16 ވަނަ ފޮތީގައި ކެނދިކުޅުދޫ ނިސްބަތްކޮށް ބުނެފައިވާ ވާހަކައިގެ ތަރުޖަމާގައި ބުނެފައިވަނީ މިފަދައިންނެވެ. މި ލޯމާފާނަކީ ރަދުންގެ އަމުރުފުޅުތަކާއި، ހުއްދަ ބަސްފުޅުތައް ރަސްމީ ސިފައެއްގައި ލިއުއްވައި މުޖުތަމާގެ ތެރެޔަށް ނެރުމަށްޓަކައި ބޭނުންކުރެވުނު ފަތްކޮޅުތަކެކެވެ. ނުވަތަ ލޯފޮތި ތަކެކެވެ.

އިސްދޫ ލޯމާފާނު

މީގެން ވެސް ދޭހަވަނީ ކެނދިކުޅުދޫގެ ދިގު ތާރީހާއި މުއްސަނދި ސަގާފަތެއް އޮތްކަމެވެ. އެކަމަކު މި ރިޕޯޓުގައި އަޅުގަނޑު ޖެހިލާނީ އޭރުން ސުރެއް މި ރަށުގައި އުފެދިފައި އޮތް ދާޙިލީ މައްސަލައެއްގެ ތެރެއަށެވެ. އެއް ފަސްގަނޑެއްގައި އޮތެއް ކަމަކު އިހުގައި މި ރަށުގައި އޮތީ ދެ ރަށެކެވެ. ސަރުކާރުތަކުން ވެސް ބަލައިގަންނަނީ އެފަދައިން ދެ ރަށެއްގެ ގޮތުގައެވެ. ދެ ރަށެކޭ މިހެން ބުންޏަސް އެއީ ފިސާރި ވާދަވެރިކަމެކެވެ.

އެގޮތުން ބަލާއިރު މީލާދީން 1834 ވަނަ އަހަރު އައްްސުލްތާން މުހައްމަދު މުއީނުއްދީން އިސްކަންދަރު މަހާރަދުންގެ ރަސްކަމުގައި ކެނދިކުޅުދޫގައި މައްސަލަތަކެއް ބޮޑުވެގެން އުޅޭކަމުގެ އަޑު ގަދަވެގެން ހިރިޔާ ފާތުރާގެ ދަށަށް އެ ރަށުގެ ރައްޔިތުން ހާޒިރުކުރެވުނެވެ. މި ހާދިޘާ ހިނގާފައިވާ ގޮތަށް ބަލާއިރު ކެނދިކޮޅާއި ކުޅުދޫގެ ރައްޔިތުންގެ މެދުގައި އަރާރުން އުފެދިފައި އޮތްކަން ފާހަގަވާތީ ދެ ރަށު ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެ ސުލްހަވެރިކޮށްފައެވެ.

ކެނދިކުޅުދީ-- ވިކިޕީޑިއާ

އޭގެ ފަހުން ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން (ކޮރުބަންޑާރައިން) ގެ ރަސްކަމުގައި ވެސް އަރާރުން ބޮޑުވެގެން ދެ ރަށުގައި އިސްކޮށް ތިއްބެވި ބޭބޭފުޅުން ވެރިރަށް މާލެއަށް ގެންނަވާ ޝަރީއަތުގެ މަޖިލީހުންނާއި ރަސްކަމުގެ ދަރުބާރުން ވަނީ ނަސޭހަތްތެރިވެފައެވެ.

މި އަރާރުން އުފެދޭ އެންމެ ބޮޑު އެއް މައްސަލައަކީ ދެ ރަށުގެ އިމުގެ މައްސަލައެވެ. އެއް ރަށު މީހުން އަނެއް ރަށަށް އަރައި، ފަނާއި، ކާށްޓާއި، ކަނަމަދު ހޮވަނީއެވެ. އެއް ރަށުން އަނެއް ރަށަށް އަރައި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރަނީއެވެ. އެކަމާ އެއް ރަށު ރައްޔިތުން އަނެއް ރަށާއި އޮތީ ޒާތީވެ ލޭ އޮހޮރާ ހިސާބައް ކަންކަން ގޮސްފައެވެ.

އެކަމަށް އެންމެ ފުރަތަމަ ރަނގަޅު ހައްލެއް ގެނެސްދެއްވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން ތިނެއްގެ ރަސްކަމުގައެވެ. ދިވެހި ސަރުކާރުތަކުގެ ގިނަގުނަ މަގާމުތަކެއް ފުރުއްވާ، ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްހޫމު މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި ކެނދިކުޅުދޫގައި އުފެދިގެން އުޅޭ އިމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި ބަނޑޭރި ބޭކަލަކު ފޮނުއްވައިގެން ދެ ރަށް ވަކި ކުރުމުގެ ގޮތުން މަގެއް ކޮށްޓެވިކަމަށްވެއެވެ. އަދި އެ މަގުގެ އެއްކޮޅަކީ ކުޅުދޫ ކަމުގައްޔާއި އަނެއް ފަޅިއަކީ ކެނދިކޮޅު ކަމަށް ކަނޑައަޅައި އިން ވަކިކުރެއްވިއެވެ.

މި މަގަކީ މިހާރުގެ ނަމުން ނަމަ ދެ ރަށްބެއްދި މަގެވެ. ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމު މެދަކާ ހިސާބުން އިރުމަތީފަރާތާއި (ފުއްޓަރުފަރާތް) ހަމައަށް މިހާރުވެސް މި މަގުގެ އެނގުންވާނެއެވެ. ކޮންމެެސް ވަރަކަށް ވެލިގަނޑު ދޫވެ، އަޑިއަށް ގޮސްފައި އޮވެއެވެ.

މި މަގު ކޮށްޓެއްވި ހިސާބުން އެއް ރަށު މީހުން އަނެއް ރަށަށް ދިއުން އޮތީ ކޮންމެސް ވަރަކަށް ހައްލުވެފައެވެ. އެކަމަކު އޭރުވެސް ދޭތެރެ ދޭތެރެއިން އެކި ކަންކަމުގައި އަރައިރުން އުފެދިފައިހުރިކަން އެނގެން އެބަހުއްޓެވެ. އެގޮތަށް އަންނަމުން އައިސް ކެނދިކޮޅާއި ކުޅުދޫ އަކީ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅައި، ކެނދިކުޅުދޫގެ ނަމަށް ސަރުކާރުން ނިންމީ 1958 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ ރަށަކީ ދެ އަވަށް ކަމުގައި ވެސް ނިންމެވިއެވެ.

އެހާ ހިސާބުން ފެށިގެންވެސް ފަހަކާ ޖެހެންދެން އަވަށު ވާދަވެރިކަން އެކިކަންކަމުގައި އޮވެއެވެ. ނަމަވެސް މިހާރު ދެ އަވަށަކީ ވެސް ބަދަހި ގުޅުމެއް އޮތް ދެ އަވަށެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1